ވާރޭގައި ނުތެމި ހިނގާނީ ކިހިނެތް؟ވާރޭގައި ނުތެމި ހިނގުމަކީ ބައެއް މީހުން ކުރަން ބޭނުންވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް ކުޑައެއް ނުވަތަ ވިއްސާރަ ކޯޓެއްގެ އެހީއާ ނުލައި ކުރިން މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ.  ލަންޑަންގެ ބާބިކަން އާޓް ސެންޓަރުގައި ހަދާފައިވާ "ރެއިން ރޫމް" (ނުވަތަ ވާރޭވެހޭ ކޮޓަރި) އިން މިކަން ތަޖުރިބާކުރަން ބޭނުންވާ މީހުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަންނަ އަހަރުގެ މާޗްމަހާއި ހަމައަށް ހިލޭ ވަދެވޭގޮތަށް ހުޅުވާފައިވާ މި ކޮޓަރީގައި އެއްވެސް ވަރަކަށް ނުތެމި އުޅެވޭއިރު އަބަދު ވެސް ހުންނަނީ ވާރޭ ވެހި ވެހިއެވެ...


ދާގަނޑެއްފަދަ ގޮތަކަށް ހަދާފައިވާ ސީލިންގުން ވާރޭ ވެހޭއިރު މީހުން ތިބިތަންތަން ދެނެގަނެ އެދިމާއަށް ވާރޭ ނުވެހޭގޮތަށް އިންތިޒާމުކޮށްފައިވަނީ ހަރަކާތް ދެނެގަންނަ ސެންސަރުތަކެއްގެ އެހީގައި ކަމަށް އިންތިޒާމް ކުރި ފަރާތުން މައުލޫމާތު އާންމު ކޮށްފައިވެއެވެ. މިއީ ޖަރުމަނުގެ "ރެންޑަމް އިންޓަނޭޝަނަލް" ކުންފުނީގެ އުފެއްދުމެކެވެ.

މި ތަނަށް ޒިޔާރަތްކުރި ފަރާތްތަކުން ބްލޮގްތަކުގައި ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު މުޅިން ފުރިހަމަ ނޫނަސް މިއީ ހިތްގައިމު އިހުސާސްތަކެއް ކުރުވައިދޭ ރަނގަޅު އިންތިޒާމެކެވެ. ކުއްލި އަކަށް ކުރާ ހަރަކާތްތަކުން ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ފެން ޖެހޭކަމަށްވެއެވެ.