ހިމޭން ލޯބި (8)

ލިޔުނީ: ޟުޙާ ރަޝީދު-
"އަހަރެން ނާދިޔާއާއި އިނުމަށްފަހު ދަނޑުވެރިކަން ކުރަންފެށީ. އަހަރެންގެ މަސައްކަތް ވަރަށް ކާމިޔާބު. މާތް ﷲ އަހެރެމެން ކުރި މަސައްކަތުގައި ބަރަކާތް ލެއްވި. އަލްޙަމްދު ލިﷲ. ދެން އަހަރެމެން ކުރި މަސައްކަތުން އަހަރެމެން ދެމަފިރިންނަށް ދިރިއުޅެވޭވަރަށް މި ކުޑަ ޖިފުޓި ހަދާލެވުނު. ކުޑަ ދުވަސްކޮޅެއް ފަހުން، އަހަރެން ބައްޕައަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރުލިބުނު. އުފަލުން ގޮސް ނުރޮވުނީ ކިރިޔާ. ދެންމެ ވީކަމެއްހެން އަހަރެން އެދުވަސް ހަނދާން އެބަހުރި. ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް. އެހެންނަމަވެސް ޖަންނަތު ލިބުމާއެކު އަހަރެންގެ ހަޔާތަށް ބަނަކަމުގެ ވާރޭ ވެހެންފެށި. ގަދަ ކޮޅިގަނޑެއް އައިސް މުޅި ހަޔާތަށް ވިދާ ގުގުރާ ވިއްސާރަ ކުރަންފެށި ކަހަލަ." މިހެން ބުނެފައި، ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.


 ވަރަށް ގިނައިރު އިސްޖަހައިގެން އިނުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދެވޭތޯ ބެލިއެވެ." ނާދިޔާ ޖަންނަތު ވިހައިގަދަ ނުވެގެން އުޅެނިކޮށް ނާދިޔާ ވަރަށް ބޮޑަށް ބަލިވި. ވާގޮތެއް ނޭނގޭ. މުޅި ގައިގާ ރިއްސާ. ބޮލުގައި ރިއްސާ. ކެއްސާ، ކަރުން ލޭ އައިސް ހެދި. އޭރުގައި ދިވެހި ބޭހުގެ އިތުރުން ދެން އޮންނަނީ ފަންޑިތަވެރިކަން. ނަމަވެސް މިއިން އެއްވެސް ކަމަކުން ނާދިޔާގެ ބައްޔަށް ލުޔެއް ލިބޭ ގޮތެއްނުވި. ފަންޑިތަވެރިންވެސް ވަރަށް ގިނަ ފަރުވާކުރި. ނަމަވެސް ވީއެއްކަމެއްވެސް ނެތް. އެބަލީގައި އަހަރު، ދެއަހަރު ވެގެން ގޮސް ދިހަ އަހަރު ވީއިރު ނާދިޔާގެ އެއް ފަޅިން އޮތީ ވާގިނެތިފަ. ވާހަކަ ވެސް ނުދެއްކޭ. އެހާލަތަށް ދިއުމަށްފަހު ހަ އަހަރު އެފަކީރު އެހާލުގައި އޮވެ ފުރާނަ ދިޔައީ އަހަރެންގެ މި އުނގުތެރޭގައި އޮވެ" މިހާ ހިސާބުން ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އަދި ދެއަތް މުށްކަވައިގެން މޫނުގައި އަތްއަޅައިގެން އިނދެ ރުޔެވެ. ހައިޝަމް ގޮސް އޭނާގާތުގައި އިށީނެވެ. އަދި ހިތްވަރު ދިނުމުގެގޮތުން ބުރަކަށީގައި ފިރުމާލިއެވެ. ހައިޝަމްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަނެއް އަތުން ފޮހެލިއެވެ.

"އަހަރެން، އަހަރެންގެ ނާދިޔާ ސަލާމަތްކުރަން ނުކުރާ ކަމެއް ނުހުންނާނެ. ޖަންނަތު ބަލަމުން، ދަނޑަށް ދަމުން، ގޭތެރޭގައި ކުރަންޖެހޭ ކަންކަން ކުރަމުން އަހަރެން އުޅުނީ ވަރަށް ހާލުގަ. ދަނޑުވެރިކަން ދަށްވެ ލިބޭ މަދު އެތިކޮޅުން ނޫޅެވޭހާވި. އޭރު ޖަންނަތުގެ އުމުރުން އެންމެ 16 އަހަރު. އެފަކީރު ދެން ގޭގެއަށް ގޮސް މަސައްކަތް ކޮށްދޭންފެށީ. އަހަރެން މުސްކުޅިވެ ގައިބާރު ދެރަވީ. ޖަންނަތު އެކަންކަން ކުރާތަން ފެނުމުން އަހަރެންގެ ލޮލުން ކަރުނައާދޭ. އޭނާއަށް ވާހަކަ ނުދެއްކެންފެށީ އޭނާގެ މަންމަ ނިޔާވި ދުވަހުން ފެށިގެން. އޭގެ ފަހުން ޖަންނަތު އެއްވެސް އެއްޗެއް ބުނާތީ އަހަރެން އަޑެއް ނާހަން. އެގޮތަށް ޖަންނަތު ގޭގެއަށް ގޮސް މަސައްކަތް ކޮށްދޭން އުޅުމުގެ ތެރޭގައި މިރަށު ދޮންމަނިކު ގެއަށް އައިސް ހުރި އުބާދު ކިޔާ މީހެއް.. އޭނާ ބުނިގޮތުންނަމަ އޭނާ މިރަށަށް އައީ އުތުރަށް އައި ދަތުރުވަރިއެއްގައި ކޮންމެވެސް ވޯކްޝޯއެއްތޯ ކަމެއްގައި.."

"ވޯކްޝޮޕެއްގައި" ވާހަކައިގެ މެދުތެރޭން ހައިޝަމް ފުރިހަމަކޮށްދިނެވެ.

"އާނ. އާނ. ތިނަމޭ ބުނީ. އޭނާއަށް ޖަންނަތު ފެނުމާއެކީ ކައިވެނިކުރަން ބޭނުންވީ. އަދި އަހަރެންގެ ބައްޔަށް ބޭސްކޮށްދޭނެ ކަމަށާއި އަހަރެމެން ދެބަފައިންނަށް ހިތްހަމަޖެހޭ އަރާމު ދިރިއުޅުމެއް ހޯދައިދޭނެކަމަށް އަހަރެން ގާތު ވައުދުވި. އަހަރެންގެ ބަލިހާލަތު ހުރިގޮތުން ޖަންނަތު ވަގުތުން އާނއެކޭ ބުނި. ކުޑަކޮށްވެސް ވިސްނާލުމެއް ނެތި. އެ މައުސޫމު ކުއްޖާއަށް މި ބުނެވެނީ ކިހާވަރެއްގެ އެއްޗެއްކަން ނުވިސްނުނަސް، އަދި އަހަރެންގެ ހިތް އެކަމާ ނުރުހުނަސް އެކައިވެނި ކުރެވުނު. އަހަރެން އެ ކައިވެންޏާމެދު ނުރުހެވުނު ސަބަބަކީ ޖަންނަތަށްވީ އެންމެ 18 އަހަރު ކަމަށް ވެފައި، އަދިި އެ އުބާދުގެ ހަގީގަތް ރަނގަޅަށް ނޭނގުން. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވާން މާގިނަ ދުވަހެއް ނުނެގި. އަހަރެންގެ ލޯފަދަ އެ ދަރިޔަށް އެ އުބާދު ނުކުރާ އަނިޔާއެއް ނެތް. ޖަންނަތާ ކައިވެނި ކޮށްގެން އޭނާ ގެންދިޔައީ ދޮންމަނިކުމެންގެއަށް. އެމަންޖެ އަހަރެން ގާތަށް ވެސް އަންނަނީ ސިއްރުން. އެމަންޖެ އަހަރެން ދެކިލަން އައިކަން އޭނާއަށް އެނގިއްޖެ ނަމަ ވަރެއް ކޮށްލާ. އެގޮތުގައި 6 މަސް ފާއިތުވެދިޔަ. އެއްދުވަހަކު ހަވީރު، ޖަންނަތު މިގެއަށް އައިސް ބުނީ މިއައީ ދެން ދުވަހަކުވެސް އެނބުރި ނުދާގޮތަށޭ. ރޮއިރޮއިފައި އޭނާ އަހަރެންގެ އުނގުގައި ބޯއަޅައިގެން އެތައް އިރަކު އޮތް. އަހަރެން ނޫން އެހެން މީހަކަށް ޖަންނަތު ހަރަކާތުން ބުނާ އެއްޗެއް ދެނެގަތުމަކީ އުނދަގޫ ކަމެއް. އެދުވަހު އޭނާގެ ހަރަކާތުން އަހަންނަށް އެނގުނުގޮތިގައި އޭނާ ވަރިކޮށްފައި ގެއަށް ފޮނުވާލީ. އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން ގާތަށް ބޯޓުއަލިބެ އައި. އަދި އުބާދާ ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު ދިން. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރަށަށް އަރުވާލާފައި ހުރި މީހެއްކަމާއި ދާހާ ރަށަކުން މީހުންނާ އިންނަކަމާއި އެއްވެސް އުޅުމެއް އަޚުލާގެއް ނެތް މީހެއްކަން ބުނެދިން. ކޮންމެ ރަށަކަށް ދިޔަސް އުޅެނީ ހަގީގަތް އޮޅުވާލައިގެން ކަން ވެސް ބުނެދިން. އަދި ދެމީހަކަށް ކުދިންވެސް ލިބިފައިވާކަން ބުނި. އެހެން ބުނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔަ. އަނެއްކާ އަހަރެންގެ ޖަންނަތައް އެކަހަލަ ކަމެއް ވެއްޖިއްޔާ އެފަކީރުގެ މުސްތަގުބަލް ބަނަވެދާނެކަމަށް ހީކުރެވުނު. އަހަރެންގެ "ބިރު" ހަގީގަތަކަށް ވާކަށް މާގިނަ ދުވަހެއް ނުނެގި. މަހެއްހާ ދުވަސް ފަހުން އެނގުނު ޖަންނަތު އިނީ ބަލިވެކަން."

ޖަންނަތުގެ ބައްޕަ ބުނި ފަހު ޖުމްލައިން ހައިޝަމަށް ވީގޮތެއްވެސް ނޭނގުނެވެ. އޭނާއަށް މި އިވެނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ތަގުދީރު އޭނާއާ ކޮންކަހަލަ ސަމާސާއެއް ކުރަނީ ހެއްޔެވެ؟ ﷲ އޭނާއަށް ކޮންފަދަ އިމްތިހާނެއް ކުރިމަތި ކުރުވަނީބާއެވެ؟ ހައިޝަމްގެ "ސުވާލުގެ ދުނިޔެއިން" އެއްކިބާވީ އަނެއްކާވެސް ޖަންނަތުގެ ބައްޕަ ވާހަކަދައްކަން ފެށުމުންނެވެ.

"ޖަންނަތު ބަލިވެއިންކަން އެނގުމުން އޭނާ އެކަމާ އުފާވުމުގެ ބަދަލުގައި ކަރުނައަޅައި ރުއި. ނުކައި ނުބޮއި މީހާގެ ނިކަމެތިކަން އިތުރުވަމުން ދިޔަ. ޖަންނަތުގެ އެހާލު ދެކެން އަހަންނަކަށް ކެތެއް ނުވި. ވަރަށް ނަސޭހަތްދިނިން. ނަމަވެސް އަހަރެން އެއްޗެކޭ ކިޔާހެންވެސް އޭނާއަކަށް ހިޔެއް ނުވި. ފަހުން ފަހުން އެއްވެސް ވަރަކަށް ނުރޮއެ، ޚިޔާލަކަށް ގެއްލި ގަބުވެފަ ހުންނަންފެށީ. މީހާގެ ހަށިގަނޑު އެހާ ނިކަމެތި ވެފައި ވަނިކޮށް އަދި ބަނޑުގައި އޮތް މައުސޫމު ފުރާނަ ދުނިޔެއަށް އައުމުގެ ކުރީގައި އަލްވަދާއުކީ. އެކަމާވެސް އަހަރެން ވަރަށް ރޮއި ހިތާމަކުރިން. ނަމަވެސް ޖަންނަތައް ހީނުވޭ ކަމެއް ވީހެން ވެސް. އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓޭ. ކުޑަކޮށް ވެސް ދެރައެއް ނުވޭ. އޭގެ ފަހުން މިހާރު 4 އަހަރު ވީ. މިވީ 4 އަހަރު ދުވަހުގެ ތެރޭގައި އޭނާ އަށް ކުޑަކޮށްވެސް ބަދަލެއް އައީ ދަރިފުޅާ ދިމާވިފަހުން. ކުރީގައި ހުންނަ ގަބު ގޮތް ކެނޑި މަޑުމަޑުން ހަމައަކަށް އެބައެޅޭ." މިހެން ބުނެފައި ހައިޝަމާއި ދިމާއަށް ބަލައިލިއެވެ.  ހީވަނީ ހައިޝަމް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އިނީހެންނެވެ.

ނަމަވެސް ހައިޝަމް އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށްޖަހައިގެން އިނެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"ދަރިފުޅާ! ބައްޕަ ދަރިފުޅަށް ޝައްކު ކުރީއެއް ނޫން. އެކަމަކު ޖަންނަތު ފުރަތަމަ ދަރިފުޅުގެ ވާހަކަ ބުނިދުވަހު ތީ ކާކުތޯ ބެލިން. ބައްޕައެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ވާތީ، އާއެކު އެއްފަހަރު ނުބައި ކެހިވެރި ދަލެއްގައި ޖެހިފައި ވުމުން އެކަން ކުރީ. މީހުން ބުނާތީ އަހަން، ސިފައަށް ބަލާލާފަ މީހެއްގެ ގޮތެއް ނޭނގޭނެއޭ. އެކަމަކު ދަރިފުޅު ފެނުމުން މި ބައްޕަގެ ހިތަށް ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނު." މިހެން ބުނެ އިރުކޮޅަކު އިނެވެ. އަދި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ދަރިފުޅާ! ބުނެބަލަ، މަގޭ ޖަންނަތާ އިންނާނަންތަ؟" 

(ނުނިމޭ)