ﷲގެ އިމްތިޙާނު

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ބަނީ އިސްރާއީލު ބާގައިގެ ތިން މީހަކު އުޅުނެވެ އެކަކީ، ބޮލުގައި އިސްތަށިނެތް މީހެކެވެ. އަނެކަކީ ޖުޒާމު ބަލި ޖެހިފައިވާ މީހެކެވެ. ތިންވަނަ މީހާއަކީ ލޯއަނދިރި މީހެކެވެ. އަރަހުށި މާތް ރަސްކަލާނގެ އެތިން މީހުން އިމްތިޙާން ކުރައްވަން މިންވަރު ކުރެއްވި ހިނދު އެމީހުންގެ ގާތަށް މަލާއިކަތަކުފޮނުއްވިއެވެ.


މިމަލާއިކަތާ އެންމެ ފުރަތަމަ ވަޑައިގަތީ ޖުޒާމު ބަލިޖެހިފައިވާ މީހާ ގާތަށެވެ. އޭނާއާ ސުވާލު ކުރެއްވިއެވެ.
"
ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
ޖުޒާމު ބަލީގެ މީހާ ވަރަށް ބޮޑަށް ބެނުންވެގެންހުރެ ބުންޏެވެ.
"
ރީތި ކުލައެއް، ރަނގަޅު ހަމެއް - މިބަލިން އަހަރެން ސަލާމަތްވުން. މިބަލީގެ ސަބަބުން މީހުންގެ ކުރިމަތީގައި އަހަރެން ވެފައިވާ ނިކަމެތިކަމުން މިންޖުވުން."

މަލާއިކަތާ އެކަލޭގެ ގައިގާ އަތްޕުޅު ފިރުންމައި ލެއްވިއެވެ. އެއާއެކު މާތް ރަސްކަލާނގެ ފަޟްލުވަންތަކަމުން އޭނާ ހަމަ މުޅީން ރަނގަޅުވެއްޖެއެވެ. މިހާރު އޭނާއަކީ، ރީތި މީހެކެވެ. އޭނާގެ ހަންވެސް އެހައިމެ ރީތިވެފައި އޮމާނެވެ. އެމަލާއިކަތާ އަނެއްކާވެސް އެއްސެވިއެވެ.
"
އެންމެ ބޭނުން މުދަލަކީ ކޮބާ؟"
އޭނާ ޖަވާބު ދިނެވެ. "ޖަމަލު"
މަލާއިކަތާ އޭނާއަށް ދިހަ ޖަމަލު ދެއްވަމުން ވިދާޅުވިއެވެ. "މާތް ރަސްކަލާނގެ ކަލެއަށް މިޖަމަލުތަކުގައި ބަރަކާތް ލައްވާނެ."

ޖުޒާމުބަލީގެ މީހާގާތުން މަލާއިކަތާ ދެންވަޑައިގަތީ އިސްތަށިވެރި ތަލަވެފައިހުރި މީހާ ގާތަށެވެ. މަލާއިކަތާ އޭނާޔަށްވެސް ހަމައެފަދައިން ސުވާލު ކުރެއްވިއެވެ.
"
ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
އޭނާ ޖަވާބު ދިނެވެ. "ރަނގަޅު އިސްތަށިގަނޑެއް. އޭރުން ތަލަވުމުގެ ހުތުރު ބަލިން އަހަރެން ސަލާމަތް ވެދާނެ. އެއީ، މީހުން ކެނޑިނޭޅި އަހަންނަށް މަލާމަތްކޮށް ހަދާކަމެއް."

މަލާއިކަތާ އޭނާގެ ގައިގާ އެއްފަހަރު ފިރުމައިލެއްވިއެވެ. ތަލަވުމުގެ ބަލި ހަމައެއްފަހަރުން އެފިލައިގެން ދިޔައީއެވެ. އޭނާއަށް މާތް ﷲ ރަނގަޅު ރީތި، އިސްތަށިގަނޑެއް ދެއްވައިފިއެވެ. މަލާއިކަތާ އޭނާޔާވެސް ދެވަނަ ސުވާލު ކުރެއްވިއެވެ.

"
ދުނިޔެއިން އެންމެ ބޭނުމީ ކޮން މުދަލެއް؟"
އޭނާ ތެޅިގެންގައި ޖަވާބު ދިނެވެ. "ގެރިއެއް"
މަލާއިކަތާ، އޭނާޔަށް ގެރިއެއް ދެއްވިއެވެ. އަދި ދުޢާކުރެއްވިއެވެ. އަރަހުށި މާތް ރަސްކަލާނގެ މިގެރީގައި ކަލެއަށް ބަރަކާތް ލައްވާނެތެވެ.
މިތަނުން ދެން މަލާއިކަތާ ވަޑައިގަތީ ލޯއަނދިރި މީހާ ގާތަށެވެ. އޭނާޔާވެސް ހަމަ އެސުވާލު ކުރެއްވިއެވެ.

"
ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
އަނދިރި މީހާ ޖަވާބު ދިނެވެ. "އަރަހުށި މާތް ރަސްކަލާނގެ އަހަންނަށް އަހަރެންގެ ލޮލުގެ އަލިކަން ދެއްވާނެނަމަ ކިހާރަނގަޅު! އޭރުން އަހަންނަށް މީހުން ފެންނާނެ."

މަލާއިކަތާ އޭނާގެ ގައިގާ އަތްޕުޅުލެއްވިއެވެ. ހަމަ އަތްޕުޅު ލެއްވުމާއެކު، މާތް ރަސްކަލާނގެ އޭނާގެ ލޮލުގެ އަލިކަން އަނބުރާ ދެއްވައިފިއެވެ. ދެން މަލައިކަތާ، އޭނާޔާވެސް ދެވަނަ ސުވާލު ކުރެއްވިއެވެ.
"
ދުނިޔެއިން އެންމެ ބޭނުމީ ކޮންކަހަލަ މުދަލެއް؟"
އޭނާ ޖަވާބު ދިނެވެ. "ބަކަރިއެކެވެ."

މަލާއިކަތާ އޭނާއަށް ބަކަރިޔަކާ ގިތެލަކާ ދެއްވިއެވެ.
ވަގުތު ވޭތުވަމުން ދެއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ތިންމީހުންގެ ޖަނަވާރުތައް ވިހައި އެތަކެތި ގިނަވަމުން ދެއެވެ. މާތް ﷲ އެމީހުންގެ މުދަލުގައި ބަރަކާތް ލެއްވިއެވެ.

އެތިން މީހުންގެ އަތުގައި މިހާރު ވަރަށް ގިނަ ޖަމަލާއި ގެރިއާއި ބަކަރިތައް ވެއެވެ.
އެތައް ދުވަހަކަށްފަހު، އެއްކަލަ މަލާއިކަތާ ޖުޒާމު ބަލީގެ މީހާ ގާތަށް ވަޑައިގަތެވެ. ވަޑައިގަތީ ޖުޒާމު ބަލި ޖެހިފައިވާ މީހެއްގެ ސިފައިގައެވެ. ވާހަކަ ފެއްޓެވީ މިގޮތަށެވެ.

"
އަޅުގަނޑަކީ ނިކަމެއްޗަކީން، ދަތުރުމަތީގައި، އަޅުގަނޑުގެ ހުރިހައި އެއްޗެއް ހުސްވެއްޖެ. ދެންއޮތީ ހަމައެކަނި އެކަލާނގެ އެހީތެރިކަން، ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން، ކަލާޔަށް ތިޔަ ރީތި ސޫރަޔާއި ރީތި ހަމާ އަދި ގިނަގުނަ ޖަމަލުތައް މުދަލުގެ ސިފައިގައި ދެއްވި ރަސްކަލާނގެއަށްޓަކައި މިދަތުރުގައި އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާ."

އެމީހާ އަނެއްފަރާތަށް މޫނު އަނބުރާލާފައި ޖަވާބު ދިނެވެ.
"
އަހަރެންނަށް ވަރަށް ގިނަ ކަންތައް ކުރަން ޖެހިފައި އެބަހުރި."
ދެން މަލާއިކަތާ ޙަޤީޤަތް ހާމަކޮށްދެއްވަމުން ވިދާޅުވިއެވެ.
"
އަހަރެން ކަލޭ ދަންނަން. ކަލޭތީ އިހަށް ޖުޒާމު ބަލި ޖެހިފައިހުރި މީހެއް. މީހުން ކަލޭދެކެ ވަރަށް ފޫހިވޭ. ކަލެއަކީ ބޮޑު ފަޤީރެއް. އެހެން އެކަން ހުއްޓާ އަރަހުށި މާތް ރަސްކަލާނގެ ކަލެއަށް ފުރިހަމަ ސިއްޙަތެއް ދެއްވައި، މުދާވެރިކަން ދެއްވީ. މީދޮގެއްތަ؟"

އެމީހާ ބޮޑާވެލާފައި ބުންޏެވެ. "މީ އަހަރެންގެ ޚާންދާނުގެ މުދަލެއް. މިމުދަލުގެ ވާރިޘަކީ ޚުދް އަހަރެން."
މަލާއިކަތާ ވިދާޅުވިއެވެ.

"
ތިޔަ ހަދަނީ ދޮގުކަމުގައި ވަނީވިއްޔާ މާތް ﷲ ކަލޭ ކުރންވެސް ހުރި ސިފަޔަށް ބަދަލު ކޮށްދެއްވާނެތެވެ."
ދެން، އެމަލާއިކަތާ ވަޑައިގަތީ ބޮލުން އިސްތަށި ވެރިފައި ހުރި މީހާގެ ގާތަށެވެ. ބޮލުން އިސްތަށި ވެރިފައިހުރި މީހެއްގެ ސިފައިގައެވެ. އޭނާވެސް ކުރީމީހާ ފަދައިން މަލާއިކަތާއަށް ހަމަ އެޖަވާބު ދީފިއެވެ. މިހެން ބުނުމާއެކު މަލާއިކަތާ އޭނާޔާމެދުވެސް އެފަދައިން ވިދާޅުވިއެވެ.

"
ތިޔަހަދަނީ، ދޮގުކަމުގައި ވަނީ ވިއްޔާ މާތް ﷲ ކަލޭ ކުރިންވެސް ހުރި ސިފަޔަށް ބަދަލުކޮށް ދެއްވާނެތެވެ."

ދެން މަލާއިކަތާ، އަނދިރި މީހެއްގެ ސިފައިގައި އެއްކަލަ އަނދިރި މީހާ ގާތަށް ވަޑައިގަތެވެ. ވަޑައިގެން ވިދާޅުވިއެވެ.

"
އަހަންނަކީ، އަތްމަތި ދަތިވެފައިވާ ދަތުރުވެރިޔަކީން. މިދަތުރުގައި އަހަރެންގެ ހުރިހައި އެއްޗެއް އަތްމަތީން ގޮސް ހުސްވެއްޖެ. ދެން އޮތީ އެކަލާނގެ އެހީތެރިކަން. ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން، އަހަރެން އެކަލާނގެއަށްޓަކައި މިދަތުރަށް އެހީއަކަށް ތިޔަތަނުން ބަކަރިއެއް ދެއްވާތޯ ނަންގަތިން. ކަލާއަށް ލޮލުގެ ފެނުން ދެއްވީ އެކަލާނގެ."

އެމީހާ ބުންޏެވެ. "ޝައްކެއްވެސްނެތް. ދެވަނަ ފަހަރަށް އަހަންނަށް ލޮލުގެ ނޫރު ދެއްވީ މާތް ﷲ. އަހަންނަކީ އިހަށް ފަޤީރެއް. އަހަރެން މުއްސަންޖަކަށް ހެއްދެވީ އެކަލާނގެ. ކަލެއަށް ހުރިހައި އެއްޗެއް މިހިރީ ހަމަ ހުރިގޮތަށް. ބޭނުން އެއްޗެއް ބޭނުން ވަރަކަށް ގެންދޭ. ބޭނުންނޫން އެއްޗެއް ބަހައްޓާ. މާތް ރަސްކަލާނގެ ގަންދީފައި ބުނަން. މާތް ރަސްކަލާނގެ ނަންފުޅުގައި ދޭން ތިޔަ އެދުނު އެއްވެސް އެއްޗެއް ދިނުމަކާ ދެކޮޅެއް ނުހަދަން."

ދެން މަލާއިކަތާ އޭނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.

"
ކަލޭ ތިޔަ ހުރިހާ މުދާ އަތުގައި ބަހައްޓާ. ތިޔައިގެ ތިން މީހުން މާތް ﷲ އިމްތިޙާން ކުރެއްވީ. މާތް ﷲ ރުހިވޮޑިގަތީ ހަމައެކަނި ކަލެޔާ. އަނެއް ދެރައްޓެހިންނަށް ކޯފާވެ ވޮޑިގެންފި."

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ وَبَشِّرِالصَّابِرِينَ ، الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، أُولَٰئِكَعَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَٰئِكَ هُمُ الْمُهْتَدُونَ ـ


"ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!


 އެއުރެންނީ އެއުރެންނަށް މުސީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެ އިލާހް ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރި އިލާހް ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."
 [ސޫރަތުލް ބަޤަރާ: 155-157]

ލިޔުނީ: އިބްރާހިމް ޙަލީމް