އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ

އަލްފާޟިލް މުޙައްމަދު އިސްމާޢިލް ދީދީއަކީ އަލްފާޟިލް މީރުބަހުރު އިސްމާޢިލް ދީދީގެ ދަރިކަލެކެވެ. މުޙައްމަދު ދީދީގެ މަންމައަކީ އެއްގަމުގޭ މެއްދީދީއެވެ. މުޙައްމަދު އިސްމާއީލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 17 ސެޕްޓެމްބަރ 1891މ. ގައެވެ.


އަލްއުސްތާޛު އަލްމަރުޙޫމް އިބްރާހިމް ޝިހާބު ލިޔުއްވާ ގޮތުގައި "މުޙައްމަދު ދީދީއަކީ އުރުދޫބަހާ އިނގިރޭސި ބަސް ފުދޭވަރަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ފަސޭހަ ކަމާއެކުގާ ލިޔުއްވާ ދިވެހިބަހުގެ ލިޔުންތެރިއެކެވެ. ދިވެހިބަހަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަށީގެންވާ ވަރަށް ޅެން ހައްދަވާ ޝާއިރެއްމެއެވެ."މުޙައްމަދު އިސްމާޢީލް ދީދީ އެކުލަވާލެއްވި ފޮތްތަކުގެ ތެރޭގައި "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" އަދި "ބައްޕަގެ ހަނދާން"، "މަޔަކަށްވުން"، ޅަކުދިން ބެލުން"، ގެއްލުނު ފުރާވަރު"، "ކުރިސްޓޯފަރުގެ ނަޒަރުގައި ދިވެހިރާއްޖެ" ފަދަ އަގުހުރި ފޮތްތައް ހިމެނެއެވެ. އަދި އެޗް. ސީ. ޕީ. ބެލްގެ ލިޔުއްވުންތައް ދިވެހިބަހަށް ގެނެސްދެއްވުންފަދަ، މަޝްހޫރު "ލާޓް" ދިވެހިރާއްޖެއަށް އައިސް ލިއުނު ލިޔުންތަކާއި އޭނާގެ އެހީތެރިޔާ ލިޔުނު ލިޔުންތައް ދިވެހިބަހަށް ގެނެސްދެއްވުމުގެ ޚިދުމަތް މުޙައްމަދު އިސްމާޢީލް ދީދީ ކުރައްވާފައިވެއެވެ.


އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު އިސްމާޢިލް ދީދީއަކީ ދައުލަތުން ނެރުއްވި މަޝްހޫރު ނޫސް "ސަރުކާރުގެ ޚަބަރު" މުޙައްރިރުގެ ނައިބުގެ މަޤާމުގައިވެސް ޚިދުމަތް ކުރެއްވި ޚާދިމެކެވެ. ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ހިންގަވަމުންވެސް އޭރު އަލަށް އުފެދުނު ތަޢުލީމީ ރޫޙަށް މަތިވެރި ދަރަޖައަކަށް އޭނާ އިޝްތިހާރު ދެއްވިއެވެ. އަދި ރާއްޖޭގައި ފަރިވަމުން ދިޔަ އަދަބީ ޤުލްޝަނުގެ އެންމެ ޚާއްޞައެއް މެމްބަރުކަމުގައި އޭނާ ވެވަޑައިގަތެވެ. ރާއްޖޭގައި އުފެދުނު "ނާދީއްތަމައްދުނު" ގެ ޙަރަކާތުގައި އެންމެ ބޮޑަށް ބައިވެރިވެ ވަޑައިގަތް އެއްބޭފުޅަކީ އޭނާއެވެ. ރައްޔިތުންގެ މަޖިލީހުގައި އެކިފަހަރުމަތިން ވަރަށްދިގު މުއްދަތެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއިން ކޮންމެ ފަހަރަކު އެންމެ ސަރީޙަކޮށް ވާހަކަފުޅު ދައްކަވާ އެއް މެމްބަރަކު ކަމުގާ ހިމެނި ވަޑައިގަތެވެ. އާގުބޯޑު ބިލާއި މެދުގައި މުޙައްމަދު އިސްމާޢިލް ދީދީ ފާޅު ކުރެއްވި ޚިޔާލަކީ އެދުވަސްވަރު ވަރަށް ޚާއްސަ ގޮތެއްގައި ދިވެހިންގެ ސަމާލުކަން ދަމައިގަތް ވާހަކަތަކެވެ. ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޤާނޫނު އަސާސީ ފާސްވުމާއި ގުޅިގެން އުފެދުނު ޤާނޫނު ހަދާ މަޖިލިސްގައި މުޙައްމަދު އިސްމާއީލް ދީދީއަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވުނު ބޭފުޅެކެވެ.


މުޙައްމަދު އިސްމާއީލް ދީދީ ލިޔުއްވި ފޮތްތަކުގެ ތެރެއިން "މޮޓަރުބޯޓްގެ ގަޑުބަޑު" މި ފޮތަކީ ދިވެހިރާއްޖޭގެ ދަރިންނަށް ކޮށްދެއްވާފައިވާ އަގުހުރި ހަދިޔާއެކެވެ. މިފޮތާ ދޭތެރޭގައި އަލްއުސްތާޛް އިބްރާހިމް ޝިހާބް ވިދާޅުވަނީ "ކޮންމެ އުއްމަތެއްވެސް ހަޔާތުގެ މައިދާނަށް ނިކުންނަނީ އެތައްފަހަރަކު އަރިއަޅާލައި އެތައް ފަހަރަކު ވެއްޓުމަށްފަހުގައެވެ. މިގޮތުން މުހައްމަދު އިސްމާޢީލް ދީދީމެންގެ ޕާޓީ ވެވަޑައިގެން ޤުރުބާނީއަކީ އަޅުގަނޑުމެންނާއި މާދަމާގެ ދަރިންނަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ."


އަލްފަޟިލް މުޙައްމަދު އިސްމާޢީލް ދީދީ އަވަހަރަވީ 1970މ. މާރޗް 26 ވަނަ ދުވަހުއެވެ. ފަސްދާނު ލެވިފައިވަނީ ސިލޯނުގެ މާލިގަވައްތަ މުސްލިމު ޤަބުރުސްތާނުގައެވެ.


(ދިވެހި އަދީބު 2 އިން ނަގާފައި)